ޝަކުވާގެ ޕްރޮޖެކްޓް ދަތުރު


2013 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ މެންދުރުގެ ވަގުތުގެ ގަދަ އަވީގައި އަހަރެމެން މަޑުކޮށްލައިގެން ތިބީ މާލޭން ހުޅުލެއަށް ދަތުރުކުރާ ފެރީއަކުން ޖާގައެއްލީބޭނެ އިރެއްގެ އިންތިޒާރުގައެވެ. ފެރީގެ ބާރު ބޮޑު ދުވަހެއްކަމުގައިވީނަމަވެސް  ކުލާސް ހުރިހާ ކުދިން ކުރާ ދަތުރެއްކަމުން އެންމެންނަށް ޖާގި ލިބޭނޭ ފެރީއެއް ހޯދުމުގު އުންމީދުގަޔެވެ. މިއީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ގުރޭޑް 10 އެއްގެ ދަރިވަރުން ފިޝަރީސައިންސް ޕްރޮޖެކޮޓް މަސައްކަތުގައި ހިމެނޭ ބައެއް ފުރިހަމަ ކުރުމަށްޓަކައި ކުރާ ދަތުރެކެވެ.
މިދަތުރުގައި  ބައިވެރިވަނީ  7 އަންހެން ދަރިވަރުނާއީ 8 ފިރިހެން ދަރިވަރުންނެވެ. އަދި އަޅުގަނޑުމެންގެ ފިޝަރީސައިންސް މިސް، އައިޝާ އާއި ސުކޫލުގެ ޕުރިންސިޕަލް މުހައްމަދު އަބްދުލް ޣަނީ އެވެ. މިދަތުރުގެ ޖުމްލަ ބައިވެރިންގެ އަދަދަކީ 17 އެވެ.  އަޅުގަނޑުމެން ފުރަތަމަ ދަތުރުކުރީ ފުލައިޓް ނަމްބަރަ އެމްވީ  5013ގައެވެ. މިފުލައިޓުގެ ޕައިލެޓަކީ އިބުރާހިމް އަހުމަދެވެ. އެސިސްޓެންޓް ޕައިލެޓަކަށް އިނީ އައިމިނަތު ލީޒާއެވެ.
ފުލައިޓަށް އަރާ ހަމަޖެހިލުމާއެކު އެ ފުލައިޓުގެ ކެބިން ކުރޫ ކޮންމެވެސް އެއްޗެހިތަކެއްކީ ނަމަވެސް ފޯނުން މެސެޖެއް ކުރަން އިނުމުން އޭނާ ދެއްކި ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ގަދަ އަޑުފައްގަނޑަކާއެކު ފުލައިޓު ނައްޓާލިއެވެ. އޭރު ގަޑިން ހަމަގާމުވެސް އަދި 2:30 ނުވާނެއެވެ. ކަންފަތަށް ވީ އުނދަގުލުން އަހަރެންގެ ހެޑުސެޓު ނަގއި ވަގުތުން ލަވައެއް ޖަހާލީމެވެ. އިރުކޮޅަކުން އަހަންނަށް ނިދުނީއެވެ. އެއަށްފަހު ދެން ހޭލެވުނި އިރު ފުލައިޓު ދަރަވަންދޫ ވައިގެ ބަނދަރަށް ޖައްސަނީއެވެ. އޭރު ގަޑިން 2:40 ވަނީއެވެ. އަހަރެމެން ތިބި ގޮތަށް ފޫހިވިއެއްކަމަކު އަނެއްކާވެސް ނައްޓާލަންދެން ތިބީއެވެ.
3:15 ވާންވީއިރަށް އަނެއްކާވެސް އެއްކަލަ ބޮލަށް އުނދަގުވާފަދަ އަޑާއެކު ފުލައިޓު ނައްޓާލިއެވެ. މިފަހުރެވެސް އަހަރެން ފޯނުން ލަވަ ޖަހާލާގެން އިނީއެވެ. ކުޑަ އިރުކޮލެއްގެ ތެރޭގައި ކެބިން ކުރޫ ތަބަކަށް ޖޫސްޕެކެޓް ތަކެއް އަޅާގެން އައިސް ފަހަރަކު ކުއްޖަކަށް ދިއްކުރަމުން ދެއެވެ. އެހަންނަށް ޕެކެޓް ލިބުމާއެކެ އަވަހަށް ބޯ ހުސްކޮށްލީމެވެ. 30 މިނެޓުގެ ދަތުރަކަށް ފަހު ދެން ފުލައިޓު ޖެއްސީ ހަނިމާދޫގެ ވައި ބަނދަރަށެވެ.
ފުލައިޓުން ފާބެގެން އައިސް އެރައިވަލަސް ޖަހާފައިވާ ބޯޑެއް ހުރި ދޮރަކުން ވަދެގެން އައިސް އެމީހެއްގެ ދަބަސް ހޯދައި ކޮނޑުގައި އަޅުވާލާގެން އެރޕޯޓުން ނިކުމެގެން ދިޔައީ އެރަށުގެ ބަނދަރާ ދިމާލަށެވެ. ލޯންޗު އޮތީ ތައްޔާރަށް ކަމުން ލަސްތަކެއް ނުވެ އިހަވަންދޫ އަށް ދާން ފުރާފީމެވެ. ކަނޑުމަޑުދުވަހެއްކަމުން  30 މިނެޓުތެރޭ އިހަވަންދޫ ފަޅަށް ވަދެވޭ ވަރުވިއެވެ. އެއިރު އެރަށު މަދަރުސާގެ ގިނަ ދަރިވަރުންތަކެއް އަހަރެމެންނަށް މަރުހަބާ ދެންނެވެމަށް އަތިރިމަތީގައި ސަފުހަދާލާފައި ތިއްބެވެ.
އިހަވަންދޫއަށް ދެވުމާއެކު  އެއްވެސް ވަރުބަލިކަމެއްނެތި އަވަސްވެގަތީ ޕްލޭންގައިވާ ގޮތަށް ޕްރެޖެކްޓު މަސައްކަތުގައިވާ ބައިތައް ފުރިހަމަ ކުރުމަށެވެ. މިމަސައްކަތްތަކުގައި އަހަރެމެންނާއެކު އެރަށުގެ މުދައްރިސުންވެސް ބައިވެރިވިއެވެ. އެގޮތުން ފުރަތަމަ ދިޔައީ އެރަށުގެ އައިސް ޕްލާންޓު ބަލާލުމަށެވެ. އެތަނަން ހޯދަންޖެހޭ ގިނަ މައުލުމާތުތަކެއް ފަސޭހަކަމާއެކު އެތަނުގެ އިންޖީނިއެރެއްގެ ގާތުން ހޯދުނެވެ. އަދި އެ އައިސް ޕްލާންޓަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އައިސް ޕުލާންޓު ކަމުން އެތަން ރަނގަޅަށް ބާލާލުމުގެ ފުރުޞަތު އަހަރެމެންގެ އެދުމުގެ މަތިން ލިބުނެވެ. އެތަނުގައި ކުރަމުންދާ މަސައްކަތްތައް އަމިއްލައަށް ތަޖުރިބާވެސް ކުރީމެވެ. އެދުވަހަށް ރާވާފައި އޮތީ ހަމައެކަނި އެކަންތައްކަމުން އެމަސައްކަތް ނިމުމުން އެކުއްޖަކަށް ކަނޑައެޅިފައިވާ ގެޔަށް އެކުއްޖަކު ދިޔައެވެ.
އެރޭގެ ރޭނގަޑު އޮތީ އަހަރެމެންނަށް އެރަށުގެ ބެލެނިވެރިންގެ ފަރާތުން ދޭ ކެއުމެއްކަމުން އިހަވަންދޫ ސުކޫލުގެ ހޯލަށް އެރޭގެ 8:30 ދިޔައީމެވެ. އަހަރެމެން ވަރަށް ގިނައިން ކޭމެވެ. ތައްޔާރުކޮށްފައިވާ އެއްޗެހީ ގެ މީރުކަމުނެއެވެ. ކެއުން ނިންމާލުމަށްފަހު ދެންދިޔައީ  ގެޔަށް ނިދާށެވެ. މާދަމާގެ ސެޝަނަށް ތައްރާރުވަންވެސް ޖެހޭނެތީއެވެ. އަދި ވެފައިވާ ވަރުބަލީގެ ސަބަބުން ހުރީ ވަރަށް ބޮޑަށް ނިދިވެސް އައިސްފައެވެ. 
21 ސެޕްޓެމްބަރ ވަނަ ދުވަހު ހެނދުނު އެންމެންވެސް ދިޔައީ އެރަށުގެ ސުކޫލަށެވެ. އެދުވަހަށް ކަނޑައެޅިފައިވާ ސެޝަނަށް ރެޑީވެގެންނެވެ. ތެމިގެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުން ދިޔައީ ބާއެއްޗެހި ލާގެންނެވެ. ނަމަވެސް ސުކޫލަށް ދެވުމާއެކު ލިބުނީ ހިތާމަވެރި ޚަބަރެކެވެ. ކަނޑު ގަދަވުމުގެ ސަބަބުން އެ ސެޝަން ކެންސަލްވި ކަމުގެ ޚަބަރެވެ. ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަނީ ހީތާމަވެރި ކަލަވަރުތަކެވެ. ސެޝަން ކުރައަށް ގެންދިޔައަސް ނުގެންދިޔަޔަސް އަހަރެންގެ މާ ބޮޑު ފަރުވާލެއް ނެތެވެ. އަހަރެން މިރަށައް އައީ މަޖުބޫރުކަމެއްގައެވެ. ދެން އަނެއްކާ ހުރިހާ ކުދިން ގެޔަށް ފޮނުވާލީ ފުރަން ހަމަޖެހިފައިވާ ގަޑިއަށް އައުމަށް ހަނދާންކޮށްދީފައެވެ. އެދިގު ފޫހި ދަތުރު އަނެއްކާވެސް އިއާދަ ކުރަންޖެހުނީއެވެ. ކިތަންމެ ފޫހިވިއަސް އަހަރެން ހުރީ އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ.

ކަނޑުގެ މަގުންނާއި ވައިގެ މަގުން ކުރި މި ދަތުރު ނިންމާލާފައި މާލެއަށް ދެވުނީ އެރޭގެ އިރުއޮށްސެނިކޮށެވެ. މާލެދެވުމާއެކު އަހަރެން އަވަސްވެ ގަތީ ގެޔަށްދެވޭތޯއެވެ. ވެފައި ވަރުބަލީގެ ސަބަބުން ހިނގާފައި ދާނެހާ ހިތްވަރު ނެތުމުން ޓެކުސީއެއްގެ އެހީގައި ގެޔައް ދިޔައީމެވެ . ގޭގެ ބޮޑު ދޮރު ހުޅުވާލުމާއެކު އަހަރެންގެ ލޮލޮގައި އަޅާގައިތީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއެވެ. އޭރުގަޑުން 7:30 ވަނީއެވެ.

ދެންހަދާނީ ކިހިނެއް؟



މިހިރީއެ ހާލަކީ އުޅޭ ކިހިނެއްތަ ދެންހަދާނީ
ޖެހިފާމިވާ ގިލަންމަގޭ ކިހިނެއް ހިތުން ފިލާނީ؟
މީހާދަ ލޯބިލޯތްބެކޭ ބީވެއްޖެޔޭ އަތުންމަގޭ
ހީވޭ މިހާރު ދެންތެދޭ ކީއްބާވެޔޭ ކުރާނީ؟
ހައްތާ ދެލޯދުށުން އެދޭ ރަންލޯބި ސާހިބާ މަގޭ
ކަށްވަޅުތަކުން ބިމުންމެހޭ ބައްދަލު މަދެން ކުރާނީ؟
ފަހުނޭވަޔާއެކީ އެކަން ރަހުމަތްފުޅުން މިވާއަޅަން
އަހުރެންގެ ލޯބި ދެކިލުމަށް މަހުޝަރު ބިމަށްހެ ދާނީ؟
ދާކާށްނެތޭ އެހެންތަނެއް ވާކަށްނެތޭ އެހެންގޮތެއް
ތާކަށްނެތޭ ދެވޭކަށެއް ކާކަށްތަ ދެންގޮވާނީ؟
ސަބަބެއްނެތޭ މިޔާމެދަށް މިބުނާ ގޮތާހިލާފަކަށް
އަބަދަށްހުރީ މިގޮތް އަޅަށް ސުބްހާނަ މިންޔަރާނީ؟

(ބެއްޔަ ތުއްތު)


ރައިވަރު ދޭހަވާ މާނަ ( ލަކުޑިފޮތް 16)

ހައިވަކަރު މަސްކަނދާ       (މަސްކަނދާ ހައިވަކަރު)
ހައިވަކި ނުވަޑިޔަކަށްވާ       (ވަކިނުވާ ވަޑިއަކަށް)
ހައިރާނު ނުފި ހިތުގެ ލާ      (ހިތުގެ ހައިރާނު ނުފިލާ)
ހައިހުރި ލަކުޑިދިނީމާ        (ހުރިހައި ލަކުޑި ދިނީމާ)
ހައި އެދުބަސް ބުނާ ލުންކި    (ދުލުން އެހައި ކިދުބަސް ބުނީމާ)
ހައިވާނޭހެ ގެއްލުންކި        (ކިހާ ގެއްލުންވާނެހޭ)

ޖުމްލަމާނަ: މަސްކަނދާއި ހައިވަކަރު ވަކިނުވާ، ހިތުގެ ހައިރާން ނުފިލައި، އެހާގިނައިން ކިދުބަސް ބުނެ އުޅޭ ވަޑިއަކަށް ހުރިހާ ލަކުޑި ދިނީމާ ކިހައި ގެއްލުން ވާނެ ހެއްޔެވެ.


ދޭހަވާ މާނަ: ކަންތައްތަކުގެ މައުލޫމާތާއި އެކަންތައްތަކުގެ ހުނަރާއި ޤާބިލިއްޔަތުކަން ނެތް މީހަކަށް ބޮޑެތި ޒިންމާތަކަޢި މަސްޢޫލިއްޔަތުތައް ހަވާލުކުރުމުން ކިހައި ބޮޑެތި ގެއްލުންތައް ވާނެ ހެއްޔެވެ.


ރައިވަރު ދޭހަވާމާނަ (ކަންޒުލް އަދަބު ޞ 149)

ޖުންޖުލަގައި ތެރެލާ         (ޖުންޖުލާ ތެރޭ)
ކުން އެބޮޑުހިނދުރާޅުވާ       (އެކުން ރާޅު ބޮޑުވާ ހިނދު)
ނުންހިމޭނު އު ނުވާމާ        (މާ ހިމޭނުން ނުވާ ނައު)
މުންފުތަށް ރޫޅައިރިޔާ        (ރިޔާތައް ރޫޅާފުމުން)
ގުންއޮތް ބަލައި ނުރައްކާމަ    (އޮތް ނުރައްކާ މަގުން ބަލައި)
ރުންނުވެވޭށި ރައްކާމަ        (މަރުން ރައްކާ ނެވެވޭށި)

ޖުމްލަމާނަ: ޖޫންޖުލާ ތެރޭ އެކުން ރާޅު ބޮޑުވާހިނދު، ހިމޭނުން ނުވާ ނައުގެ ރިޔާތައް، އޮތް ރައްކާ މަގު ނުބަލައި ރޫޅާލުމުން މަރުން ރައްކަލެއް ނުވެވޭނެއެވެ.



ދޭހަވާ މާނަ: ކަމެއްގެ ނުރައްކާ ނުވަތަ  އެންމެ ނާޒުކު ވަގުތުގައި،އެކަމަށް އޮތް އެންމެ   ރައްކާތެރި  ސަލާމަތްތެރި ގޮތަކީ ކޮބައިތޯ ނުބަލައި ކަންތައް ކޮށްފިނަމަ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭނެއެވެ.

ރައިވަރު ޝަރަހަ

ށޭނިކަން ބައްލަވާ          (ނިކަން ބައްލަވާށޭ)
ޅޭގެންގު އިރު މައިބަފާ  (މައިބަފާ ގެންގުޅޭއިރު)
ބޭރަށް ނުނެރޭ ގާތުގާ  (ބޭރަށް ނުނެރެ ގާތުގައި)
ނޭބަލަ ފަރިތައެއްވެދާ   (ބަލަ ފަރިތައެއްވެދާ)
ތޭމަ ދެގޮތެއް ހިތަކުލާނެ (ދެގޮތެއް މަހިތަކު ލާނެތޭ)
ޔޭގައި މޭ ނުފިލާނެ    (ގައިމޭ ނުފިލާނެޔޭ)

ޝަރަހަ


މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރާއިރު އެކުދިން ގެއިން ބޭރަށް ނުނެރެ، އަބަދު ގާތުގައި ގެންގުޅޭނަމަ އެކުދިން އެކަމަށް ހޭނެއެވެ. އެހެންކަމުން ޝާއިރު ނަޞޭހަތްތެރިވަނީ ދަރިން ތަރުބިއްޔަތު ކުރާއިރު އެކުދިން ގޭގައި ބަންދުކޮށްފައި ނުބޭތިއްބުމަށެވެ. އެހެން ނޫން ނަމަ އެކުދިން ވެގެން ދާނީ މުޖުތަމަޢުގެ ކަންތައްތަކަށް ލޯހުޅުވިފައިނުވާ އަދި ކަންކަން ކުރުމަށް ފަސްޖެހޭ ކުދިންނަށެވެ. އަދި އެކުދިންގެ ކިބައިން އިޖުތިމާޢީ ރޫޚު ނެތިދާނެއެވެ. އަދި އެގޮތަށް ތަރުބިއްޔަތު ކޮށްފައިވާ ކުއްޖެއްގެ ކިބައިން އެކަމެއް ފިލައެއް ނުދާނެއެވެ.

ރޭޑިޔޯ ޑުރާމާ

މަންޒަރު: 1
ތަން: ބަދިގެ
ވަގުތު: މެންދުރު
އެފް އެކްސް: (ކަޓިން ބޯރޑުގައި އެއްޗެއް ކޮށާއަޑު)
     (މީހަކު ދެފައި ދަމަމުން ހިނގާފައި އަންނަ އަޑު )
ކިއު: (ޝަޒީލު ވާހަކަ ދައްކާއިރު ކަޓިން ބޯޑުގައި ކޮށާ އަޑު ހޯލްޑް އަންޑާރ އިސްޓަބްލިޝް.. ފޭޑް  އައުޓް)
ޝަޒީލު: ބައްޕާ! މާވަރަކަށް ކޮންއެއްޗެއްތަ ތި ކޮށަނީ؟
ބައްޕަ: ދަރިފުޅު ޑޮކްޓަރަށް ދައްކަން ދާންވީނު....
މަންމަ: އެއީ އަނެއްކާ ކިހިނެއްވީ... އޭނާ ބަލީތަ!
ބައްޕަ: އޭނާ ލޮލުގައި މައްސަލައެއް ހުރިހެން މަށަށް ހީވަނީ... އެހެންވެ އެންނު މިކޮށާ އެއްޗެއްވެސް ނޭނގުނީ...
ޝަޒީލު: އާނ.. ދެން އޯކޭ އޭ... ބައްޕަ ހުންނާނީ އަބަދުވެސް މަށާ ނުބެހިވިފަ... މޮމް! ވަރަށް ބަނޑުހައި.. ނެތްތަ ކާއެއްޗެއް...
މަންމަ: އަދި ތައްޔާރު ނުވެގެންނު މިއުޅެނީ... ތިތަނުން އާފަލެއް ކާލަބަ...
އެފް އެކްސް: (އާފަލެއްގައި ދަތްލާ އަޑު އޮންމައިކު) (ކަޓިން ބޯޑުގައި ކޮށާ އަޑު ފޭޑް އިން)
ޝަޒުލާ: އެބުނާހެން ބުރޯ... ތިގޮތަށް އެޕަލް އެއްޗެހި ގިނައިން ކެއީމައޭ ލޮލުގެ ފެނުން ރަނގަޅުވާނީ...


ޝަޒީލު: (މަލާމާތުގެ ރާގަކަށް) ވާހަކަ ނުދައްކަ ތި ފިޔާ ކޮށޭތޯ ބަލާބަ... މިހާރުވެސް ތިއުޅެނީ ދެލޯ ނުހުޅުވިގެން... ބައްޕާ!... ކޮންކަހަލަ ފުރްޓުސް އެއް ކެއީމަތަ ލޮލުން ފެން އައުން ހުއްޓޭނީ...

ދިވެހި ކަނޑުފަޅުތަކުން ދިވެހި ރާއްޖެ ތަރައްޤީކޮށް ކުރިއެރުވޭނެއެވެ.

ދިވެހިރާއްޖޭގެ ސަތަހައިގެ ބޮޑު އިންސައްތައެއް ޙިއްސާ ކުރަނީ ދިވެހި ކަނޑުފަޅުތަކެވެ. އެހެންކަމުން ދިވެހިންނަށް ލިބޭ އާމްދަނީއާއި، ދިވެހި އިޤުތިޞާދުގެ މައިގަނޑު މަސައްކަތްތައް ބިނާވެފައިވަނީ ކަނޑުންލިބޭ ރޯއްޖާއި ފަޅުތަކުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. އެވޭލާ ޒަމާނުންސުރެން ދިވެހިންގެ މައިގަނޑު މަސައްކަތް މަސްވެރިކަމުންނާއި، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ ދިވެހިރާއްޖެ ތަރައްޤީކޮށް ކުރިއެރުވިދާނެއެވެ.އަދި ދިވެހި ފަޅުތަކުން ފައިދާ ނެގޭނޭ ގޮތް ފަހިކޮށް، ދިވެހިންގެ ކަނޑުތަކުންވެސް ތެޔޮނެގޭނޭގޮތް ވެއްޖެނަމަ ރާއްޖޭގެ ތަރައްޤީ ހަލުވިކަމާއެކު ކުރިއަރައިދާނެ ކަމާމެދު ޝައްކެއްވެސް ކުރުމެއްނެތެވެ.
ދެވެހިން އެންމެ ކުރިންވެސް އިޤުތިޞާދުގެ ނާރެހެއްކަމުގައި ހަދައިގެން، ކުރަމުންއައި މަސްވެރިކަން މިހާރަށްވުރެން ފުޅާ ދާއިރާއެއްގައި ކުރެވިއްޖެނަމަ ރާއްޖެ ތަރައްޤީކޮށް ކުރިއެރުވޭނެއެވެ. މަސްވެރިކަން ކުރިއަރުވައި ހަރުދަނާކޮށް، ރާއްޖޭން ބޭރަށް މަސް ބޭރުކުރެވޭ މިންވަރު އިތުރު ކުރެވުމުން، ގިނަ އަދަދަކަށް ބޭރު ފައިސާ ލިބި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފައިސާލިބި، އެފަދަ މަޝްރުއޫތައް ބާރަށް ކުރިއަށް ދާނެއެވެ.
މަސްވެރިކަމެކޭ އެއްގޮތަށް، މިހާރު ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ ފަތުރުވެރިކަމުގެ މަސައްކަތް މިހާރަށް ވުރެން ފުޅާކޮށް ލިބޭ އާމްދަނީ ދެގުނަ ކުރެވިއްޖެނަމަ، މިކަމުންވެސް ރާއްޖޭގެ ތަރައްޤީގެ ބޮޑު މަންޒަރު ދައްކުވާލަދެވޭނެއެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަށްވީ ހިނދު، މި ނަލަކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ ތަންތަނަކީ ރާއްޖޭގެ ރަށްތައް ވަށައިގެން ލެވިފައިވާ ނަލަނަލަ ފަރުތަކެވެ. މި ފަރުތަކުގެ ސަބަބުން ފަތުރުވެރިކަން ދަނީ ފުޅާވަމުންނެވެ. ކުރިއަރައި ތަރައްޤީވަމުނެވެ. އެހެންކަމުން މި ފަރުތައް ރައްކާތެރިކަމާއެކެ ބެލެހެއްޓިއްޖެނަމަ ފަތުރުވެރިކަމަށް މިކަމުގެ އެދެވޭ އަސަރު ފެންނާނެއެވެ. ދެން ރާއްޖެ ދާނީ ތަރައްޤީގެ ދުވެލީގައި ހަލުވިކަމާއެކު ކުރިއަށެވެ.
ދިވެހިރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ކަނޑުފަޅުތަކާއި ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމުގެ އިތުރުން އެނޫން ގޮތް ގޮތުންވެސް ކަނޑުފަޅު ތަކުން ފައިދާ ނެގޭނޭ ގޮތްތައް ފަހި ކުރުމީ މިކަމުގެ އެންމެ މުހިއްމު އެއް ހައްލެވެ. ރާއްޖޭގައިވާ ކަނޑު ފަޅުތަކަކީ މުއްސަނދި ތަންތަނެވެ. އެތަންތަނުގައި ފައިދާ ހިފޭނޭ އެތަކެއް ދިރުންތަކެއްވާ ނިއުމަތްތަކެވެ. ހުއިފިލަނޑާ އާއި ރީތި ބޮލިތަކާއި އެތަންތަނުގައިވާ އެކި އެކި ކާނާގެ ބާވަތްތައް  ރާއްޖޭން ބޭރުގެ ބަޒާރުތަކުގައި ވިއްކާ އޭގެން މަންފާހޯދިދާނެއެވެ. ރާއްޖޭގައި މިފަދަ މަސައްކަތްތަކެއް ފަށާފިނަމަ ރާއްޖެއަށް ބޭރުފައިސާ ވަންނަ ދޮރުތައް އިތުރުވެ، ރާއްޖެ ފުދުންތެރިވާނެއެވެ. ނަތީޖައަކީ ރާއްޖެ ކުރިއަރައި ދިއުމެވެ.
ދުނިޔޭގައި މުއްސަނދި ގައުމުތައްކަމުގައިވާ އަބޫދާބީފަދަ ގައުމުތައް ކުރިއަރައި ދިޔާ ކީއްވެގެންތޯއެވެ؟ އެގައުމުތަކުގައިވާ މުއްސަނދި ހަޒާނާތަކުންނެވެ. އެގައުމުން ތެޔޮ ފެނިފައިވާތީއެވެ. މިހާތަނަށް ރާއްޖޭގައި ކުރެވިފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުން ރާއްޖޭގެ ކަނޑުތަކުގެ އަޑީގައިވެސް ތެޔޮ އެބަހުއްޓެވެ. ކަންމިހެން އޮތް އިރު ރާއްޖޭގައިވެސް ކަނޑުތަކުން ތެޔޮ ނަގައިފިނަމަ އެއީ ގައުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިސިނާއަތް ފުޅާދާއިރާއެއްގައި ކުރަން ފަށައިފިނަމަ، ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ލިބި އެމީހުންގެ އާންމު ދިރިއުޅުންވެސް ކުރިއަރާނެއެވެ. އަދި ރާއްޖެ އަކީ އުފެއްދުންތެރި ގައުމަކަށްވެ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުން ލިބޭނެއެވެ.

ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއާއީ ގުޅިފައިވަނީ ދިވެހި ކަނޑުފަޅުތަކެވެ. ގަދީމީ ޒަމާނުންސުރެ ވެސް ދިވެހިންގެ އާންމު މަސައްކަތް ކަމުގައިވާ މަސްވެރިކަމުން ގައުމަށް ވަނީ ކުރިއެރުން ހޯދާފައެވެ. އަދި އެމަސައްކަތް ފުޅާކޮށް އެއިންލިބޭ މަންފާއިން ރާއްޖެ ތަރައްގީކުރެވޭނެއެވެ. ރާއްޖޭގެ ރީތި ފަރުތަކުގެ ސަބަބުން ކުރިއަރާފއިވާ ފަތުރުވެރިކަމަކީ ގައުމަށް ތަރައްގީ ހޯދައިދޭ އަދި ހޯދައިދެވޭނެ މަސައްކަތެކެވެ. އަދި ގައުމުގެ ތަރައްޤީއަށްޓަކައި ފަޅުތަކުން ފައިދާނެގޭނޭ މަސައްކަތްތަކެއް ފެށި، ކަނޑުތަކުން ތެޔޮ ނެގަންފަށައިފިނަމަ، "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" ރާއްޖެ ކުރިއަރައިދާނެއެވެ. އެހެންކަމުން ދިވެހި ކަނޑުފަޅުތަކުން ރާއްޖޭގެ ތަރައްޤީ ގައިމުކުރެވޭނެކަން ޔަޤީނެވެ.

ބަޔާނުލް ފީ ހަޔާތުލް ނަޝީދު


އޮނަވިހި ސަތޭކަ ފަންސަޔާހި ވަނަ އަހަރުގެ އޮކުޓޫބަރު މަހުގެ އޮނަވިހި ވަނަ ދުވަހު، ދުނިޔެއަށް މަރުހަބާކީ ހއ.އިހަވަންދޫ ބަނބުކެޔޮގަސްދަށުގޭ މުޙައްމަދު ނަޝީދަކީ  ހއ.އިހަވަންދޫ ބަނބުކެޔޮގަސްދަށުގޭ އަބްދުލް ކަރީމާއި، ހަމަ އެރަށު ގިރިޓީގޭ ޝަރީފާ އަލީގެ ދެވަނަ ދަރިފުޅެވެ. އާއިލާގެ ފުރަތަމަ ފިރިހެން މެންބަރުވެސް މެއެވެ. މުހައްމަދު ނަޝީދަށް އާއިލާގެ މެންބަރުންނާއި ރައްޓެހިން އާންމުކޮށް ކިޔައި އުޅެނީ މުހައްމަދެވެ. ކުލަތަކުގެ ތެރެއިން ރަތް ކުލަ އެންމެ ރީތި މުހައްމަދަށް އެންމެ މީރު ކެއުމެއްކަމަށެ ވެފައި ވަނީ ދިވެހިންގެ އާންމު ކެއުން އާދެ، ގަރުދިޔައާއި ބަތެވެ.
ތައުލީމީ ހަޔާތުގެ ބިންގާ އެޅިފައިވަނީ 1992 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ގުރޭޑު އެކަކާ ގުޅުނު ހިސާބުންނެވެ. އެއީ އުމުރުން އެންމެ ހަތް އަހަރުގައެވެ. އެދުވަސްވަރު ކިޔެވުމަށް އެހާ ޝައުގުވެރިކަން ނެތް ނަމަވެސް 1997 ވަނަ އަހަރާއި ހަމައަށް އިހަވަންދޫ މަދަރުސާއިން ގުރޭޑު 6 ހަމައަށް ވަނީ ތައުލީމު ހާސިލުކޮށްފައެވެ.
ކިޔެވުމަށްޓަކައި ނަމަވެސް އަމިއްލަ ވަޒަނާއި ލޯބިވާ އާއިލާ ދޫކޮށް އެހެން ރަށަކަށް ބަދަލުވުމީ ވެވޭ ކުޑަ ގުރުބާނީއެއް ނޫނެވެ. ކިޔެވުމަށް ކުރިން އެހާބޮޑު ޝައުގުވެރިކަމެއް ނެތް ކަމުގައި ވީނަމަވެސް މުހައްމަދު ނަޝީދުވަނީ މި ބޮޑު ގުރުބާނީ ވެފައެވެ. އެގޮތުން 1998 ވަނަ އަހަރު ހދ.ކުޅުދޫފުއްޓަށް ދަތުރު ކޮށް ހދ އެޓޯލް އެޑިޔުކޭޝަން ސެންޓާރ ގައި ވަނީ ތައުލީމް ހާސިލް ކޮށްފައެވެ. އެ ސުކޫލުގައި 1999 ވަނަ އަހަރާއި ހަމައަށް ވޭތު ކުރުމަށް ފަހު ދެން ގުޅުނީ އެރަށު ޖަލާލުއްދީން ސުކޫލާއެވެ. މި ސުކޫލުގައި 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް އުޅުނެވެ.
ނަޝީދު ގެ ތަޢުލީމީ ހަޔާތުގައި ދެން އާބާބެއް ފެށުނީ 2004 ވަނަ އަހަރު މަތީ ތަޢުލީމު ހޯދުމަށްޓަކައި މާލެއަށްދުރުވެ، މަންދު ކޮލެޖާއި ގުޅުމުންވެ. އެގޮތުން މަންދު ކޮލެޖުގައި ހަދަމުން ދިޔަ ކޯސް 2006 ވަނަ އަހަރުވަނީ ފުރިހަމަ ކާމިޔާބީއަކާ އެކު ދަސްވެނިވެ ނިންމާފައެވެ. ދެންވެސް އޭނާ ވަނީ ތަޢުލީމު އުނގެނުމާގެން ކުރިޔަށް ގޮސްފައެވެ. ވަޒީފާގެ މާހައުލާ ގުޅުނު ފަހުންވެސް އަމިއްލައަށް، އިންޓަރނެޓާއި ފޮތްތަކާއި އަދި ލިބުނު ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ޢިލްމު ހޯދުމުގެ މަސައްކަތް ކުރިއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ހދ. ކުޅުދޫފުށީގައި، [ބުލޮކު މޯޑު]ގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރެއިން، [ބެޗެލާރސް އޮފް އެޑިޔުކޭޝަން]ގައި، މިއަހަރު ނަޝީދު ސަރ ބައިވެރިވެފައިވާކަމީ މިހާރު އޭނާގެ ހިތުގައި ތަޢުލީމަށް ދެވިފައިވާ ލޯތްބާއި، އަހައްމިއްޔަތު ހާމަވެގެންދާ އަލިގަދަ ދަލީލެކެވެ.
ތަޢުލީމީ ހަޔާތް މިއަދު މިހާ ހިސާބަށް އައިސްފައިވީނަމަވެސް އަދިވެސް ނަޝީދު ކިޔަވަން ބޭނުންވާ ވަރަކަށް ނުކިޔެވެއެވެ. އަދި ކިޔަވަން ބޭނުންވި ދާއިރާއިން ކުރިޔަށް ނުދެވުނި ކަމީ އޭނާ މިއަދުވެސް ހިތާމައާއެކު ފާހަގަ ކުރާ ކަމެކެވެ. ނަޝީދު ކިޔަވަން ބޭނުންވީ ސައިންސް ސްޓްރީމް ނަމަވެސް، އެދުވަސްވަރުގައި ކަންތައް ހުރި ގޮތުން އެ ފުރުޞަތުވަނީ ގެއްލިފައެވެ. މިއީ ކުރިމަތިވާ ކުޑަ ގޮންޖެހުމެއްތޯއެވެ.
ސުކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ނަޝީދު އަށް ލިބޭ ވަރަށް ބޯޑު އުފަލެކެވެ. އެ ގޮތުން ފުޓުބޯޅަ އަދި ވޮލީ މުބާރާތްތަކުގައި ވަނީ ވަރަށް ގިނައިން ބާވެރިވެފައެވެ. ނަޝީދު ވަނީ ސުކޫލު ދައުރުގައި ޕުރިފެކްޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ އިތުރުން އޭއީސީ ގެ ދިވެހި ޖަމިއްޔާގެ ސެކްރެޓެރީކަންވެސް ކުރަށްވާފައެވެ. އަދި ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގައި ގުރޭޑު 8 އަދި 9 ގައި އުޅުނު ދުވަސްވަރު ކެޑޭޓު ހަރަކާތުގައިވެސް ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ސުކޫލުގައި ފާހަގަ ކުރާ "ސައިންސް ޑޭ" ފަދަ ދުވަސް ދުވަހު ވަރަށް އަވަދިނެތި ހަރަކާތްތެރިވެއެވެ.
މަދަރުސީ ދައުރުގައި ލިބޭ ކާމިޔާބީތަކަކީ ހިތުގައި ބިންވަޅުނެގިފައި ހުންނާނެ ފަޚްރުވެރި ހަނދާންތަކެކެވެ. ސުކޫލު ދައުރުގައި މަޑުމައިތެރި މިޒާޖެއްގެ ނަޝީދު ވެސް މިފަދަ ކާމިޔާބީ ތަކެއް ހޯދާފައިވެއެވެ. އެގޮތުން ކުލާހުގެ އެންމެ އަޚުލާގު ރަނގަޅު ދަރިވަރަކަށްދޭ "ޑިސިޕްލިން ޕުރައިޒް" ގުރޭޑު 8 އަދި 9 ގައިވެސް ވަނީ ހާޞިލުކޮށްފައެވެ. އަދި މަންދު ކޮލެޖުގައި އުޅުނި އިރު ބޭއްވި ފުޓުބޯޅަ މުބާރާތުން ދެ އަހަރުގައިވެސް އެންމެ މޮޅު ފޯވާޑަކަށް ހޮވުމަކީވެސް ލިބުނު ކުޑަ ކާމިޔާބީއެއް ނޫނެވެ. މިއަދުވެސް  ހިތުގައި ވާ ފޮނި ހަނދާންތަކެކެވެ.
ދެހާސް ހަވަނަ އަހަރު ޓުރެވަލް އެއާރޕޯޓުގެ ރިޕުރެޒެންޓޭޓަރެއްގެ ވަޒީފާ ނަޝީދު އަދާކުރެއްވީ މަންދު ކޮލެޖުގައި އުގެނުމުގެ މަސައްކަތުގައި ބުރަކޮށް އުޅުއްވަމުންނެވެ. އެއީ އޭނާގެ ހަޔާތުގައި އަދާކުރެއްވި ފުރަތަމަ ވަޒީފާއެވެ. އެއަށްފަހު 2007 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ޓީޗަރެއްގެ މަގާމަށް އޭނާ ބަދަލުވީ އައިލާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކުގައެވެ.
އުނގުނައިދުނުމުގެ ދާއިރާގައި ނަޝީދު ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ޙާޞިލްކޮށްފައެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދަރިވަރުންގެ ލޯތްބާއި އިޚްތިރާމް ހޯދާފެއެވެ. މިކަމުގެ ސިއްރަކީ ނަޝީދު ދަރިވަރުންނާއިމެދު ގުންގުޅުއްވާ އޯގާވެރިކަމާއި އެކުވެރިކަން ކަމުގައިނޫނީ ނުވާނެއެވެ. 2012 ވަނަ އަހަރު ލީޑިންގ ޓީޗަރެއްގެ މަގާމަށް ބަދަލުވެގެން ދިޔުމީ މިދާއިރާގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާގެ ހިތުގައި ވަޒީފާއަށް އޮންނަ ލޯތްބާއި ދެއްވާ އަހައްމިއްޔަތުގެ އަގުހުރި ނަތީޖާއެވެ.
ތަޢުލީމީ ދާއިރާގައި ނަޝީދުގެ އުންމީދުތައް ވަނީ ވަރަށް އުހުގައެވެ. ތަޢުލީމު އުނގަނައި ދިނުމުގައި އެހެންގައުމުތަކުން ރާއްޖެ ނަމޫނާއަކަށް ބަލާނޭ ދުވަހަކީ އޭނާ އެންމެ ދެކެން ބޭނުންވާ އެއްދުވަހެވެ. ކުރެވޭ އެންމެ ބޮޑު އުންމީދުވެސް މެއެވެ. އަދިހަމަ އެހެންމެ މިދާއިރާއާ ދޭތެރޭ ހިތްހަމަ ނުޖެހުންތަކެއްވެސް އެބަހުއްޓެވެ. މުދައްރިސުންގެ އަގުވަޒަން ކުރަންޖެހޭ ބައެއް ފަރާތްތަކުން އެކަށީގެންވާ ވަރަށް އެމީހިންގެ އަގު ވަޒަންނުކުރާކަމީ އޭނާ ހިތާމަ ކުރައްވާ ކަމެކެވެ.
2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވީ ދުވަހަކީ ނަޝީދުގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެކެވެ. ދިރުއުޅުމުގެ މަގުސަދު ހާޞިލުކޮށް، ހަޔާތުގެ ނައު އާމިސްރާބަކަށް ދަތުރު ފެށުމަށް ޒަވާޖީ ހަޔާތުގެ ބިންގާއެޅުނު ދުވަހެވެ. ކައިވެނީގެ އަގުމާތް ގޮށުން، ހއ. އިހަވަންދޫ ދިލްޝާދު ރުޤިއްޔަތު މާހިދާއާއި ގޮށްޖަހައި ބާރުކޮށްލެވުނު ތާރީޚީ ދުވަހެވެ.
ނަޝީދުއަށް އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް އިޚްތިޔާރުކުރެވުނީ އޭނާއާއި ވަރަށް އެއްގޮތް ހިޔާލުތަކެއްގެ ކުއްޖެއް ކަމަށް ނަޝީދު ފާހަގަކުރެއެވެ. އަޅާލާ އޯގާތެރި އަނތްބެއް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. ހަމަ އެގޮތުން ނަޝީދުގެ އަންހެނުން އޭނާ ސިފަކުރަނީ އޯގާތެރި އަޅާލާ ވަފާތެރި ފިރިއެއްގެ ގޮތުގައެވެ. އެހެންކަމުން ނަޝީދުގެ ޒަވާޖީ ހަޔާތް ސިފަކުރެވެނީ އުފާވެރި ހަޔާތެއްގެ ގޮތުގައެވެ.

ނަޝީދު އޭނަގެ ހަހުރަވެތި ދަރިވަރުންނަށް ކޮށްލަން ބޭނުންވާ އިލްތިމާސް އަކީ، ކިޔެވުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، މުސްތަގުބަލުގައި ވަޠަނަށް މަންފާ ހުރި ދަރިއަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް ދެއްވޭނެ އެންމެ އަގުހުރި ނަޞޭހަތް ނޫންތޯއެވެ. ނަޝީދު އުނގެނުމަށް  ކުރައްވާ މަސައްކަތްތަކުގައި މާތް ﷲ ކާމިޔާބު ދެއްވާ، އޭނާއަކީ ކާމިޔާބު އެދުރެއްކަމުގައި މިންވަރުކުރަށްވައި އުފާވެރި ހަޔާތެއް މިންވަރުކުރައްވާށިއެވެ! އާމީން!


"ބޮޑީ މިލްކު"ގެ އެލާޖިކު

އެއްފިހާރައެއްގައި ގިނަ މުދާ ލިބެން ހުރުމަކީ އެއްޗެހި ގަންނަ މީހުން ލިބޭ ވަރަށް ބޯޑު ފަސޭހައެކެވެ. މުޅި ރަށުގައި ނުދުއްވާ ބޭނުންވާ ސާމާނު ކޮޅު ފަސޭހަ ކަމާއެކު ހޯދާލެވޭނެތީއެވެ. އަދި އެއްބާވަތެއްގެ އެކި އެކި ބުރޭންޑުތައް އެއްފުރާޅެއްގެ ދަށުން ލިބެން ހުރުމަކީ ބާޒާރު ކުރައްވާ ބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ބޭނުން ކޮލިޓީއެއްގެ އެއްޗެއް އިހުތިޔާރު ކުރުމުގެ ފުރުޞަތު ލިބޭތީއެވެ.
އާންމު ގޮތެއްގައި ގިނަ ބަޔަކު ފިހާރަތަކަށް ގޮސް ގިނަ ބުރޭންޑުތަކުގެ އެއްޗެހި ހާވަނީ ރީތިވާ ސާމާނު ގަތުމަށެވެ. މިގޮތަށްދާ ބޭފުޅުން މަތިނެގުމަށްފަހު ވަސް ނުބަލައި ދޫކޮށްލާނެ ހަމަ އެންމެ ސެންޓުފުޅިއެއް، ލޯޝަން ފުޅިއެއްވެސް ނުހުންނާނެއެވެ. ތެދު ތެދަށް ދަންނަވަނީނަމަ ފުރޮޅާނުލާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. ވަސްބެލޭ އެއްޗެހި ގިނަ ކަމުން އެއެއްޗެއްގެ އަސްލު ވަސް އޮޅޭ ހިސާބަށް ނުދާ ފަހަރެއް މަދުވާނެއެވެ. ރަނގަޅު އެއްޗެހި އޮޅެނީވެސް މަދަކުންނޫނެވެ.
ދެންމެ މިދެންނެވި ކަންތަކާ ކޮންމެވެސް ވަރަކަށް ތަފާތު ދެ މީހުންނެވެ. އާދެ ދެމަފިރިންގެ ވާހަކެއެކެވެ. މި ދެމަފިރިންވެސް ބަޒާރުކޮށްލަން ދާން އިހުތިޔާރު ކުރަނީ ބޮޑެތި ފިހާރަތަކެވެ. ބޭނުންވާ ސާމާނުތައް ފަސޭހަކަމާއެކު ލިބޭނެތީއާއި ބޭނުންވާ ބުރޭންޑުގެ އެއްޗެހި ހޯދާލެވޭނެތީއެވެ.
އެގޮތުން މިދެމަފިރިން ރީތިވާ ސާމާނު ހޯދާލަން ފިހާރައަކަށް ދިޔައެވެ. އާންމުގޮތެއްގައި ހުރިހާ ބާވަތެއްގެ އެއްޗެހިވެސް ހުންނަ ފިހާރެއެކެވެ. ރީތިވާ އެއްޗެހިވެސް ނަން ހުސްކޮށް ލިބެން އެބަހުއްޓެވެ. ފިހާރައިގެ އެއްބިތް ވަނީ ހަމަ އެކަނި މިބާވަތްތަކުގެ އެއްޗެއްސަށް ހާއްސަކޮށްފައެވެ. ދެމީހުންވެސް އަވަސްވެ ގަތީ ބޭނުންވާ އެއްޗެހިތައް ހަމަކުރުމަށެވެ. އެއްޗެހީގައި ވަސް ބަލާކަށް ނުތިބެއެވެ. އާންމުކޮށް ބޭނުންކުރާ ބުރޭންޑުގެ އެއްޗެހިތައް ނަގައި ވަށިގަނޑަށް އަޅަމުން ދިޔައެވެ.
ނަމަވެސް ކަންދިމާކުރި ގޮތުން މިފަހަރު މިޖެހުނީ ފުޅިތަކުގައި މަތިނަގާގެން ވަސްބަލާށެވެ. ކުރިން ގެންދާ ވައްތަރުގެ ލޯޝަންއެއް މިހާރަކު ނެތެވެ. އެހެންކަމުން ރަނގަޅު ލޯޝަން ފުޅިއެއް ހޯދުމަށް އަވަސްވެ ގަތެވެ. އިރުކޯޅަކުން ފިރިގޮލާ ފާޑެއްގެ ފުޅިއެއް ނަގައި އަންހެނުންނަށް ދައްކާލިއެވެ. މި ފުޅީގައި ލިޔެފައިވަނީ "ބޮޑީ މިލްކު" މިހެންނެވެ. މަޝްހޫރު "dove" ބުރޭންޑުގެ އެއްޗެއްކަމުން އަންހެނުން ވެސް އެއާ ވަރަށް ގަޔާވިއެވެ. އެހެންކަމުން އެ ލޯޝަން ފުޅި އިހުތިޔާރު ކުރިއެވެ.
އަނެއްދުވަހުގެ ހެނދުނު އާދައިގެ މަތިން ފެންވަރައި ރީތި ވެލާގެން ދެމަފިރިންވެސް އޮފީހަށް ދިޔައެވެ. އޮފީހުން އާދެވުމާއެކެ އަނބިގޮއްޔެ އޭނަގެ ގާގައި އެލާޖިކެއް ވެފައި ހުރިތަން ފިރިމީހާއަށް ދެއްކިއެވެ. ފާގެ ދޯންގިދަށާއި އަތުގައި ހަން ކުރަކިވެފައި ހުއްޓެވެ. އަނބިގޮއްޔެ ވަގުތުން ޝައްކު ކުރީ ލޯޝަން ފުޅިއަށެވެ. ނަމަވެސް ފިރިކަލޭގެ އެކަމާ އިންކާރު ކުރިއެވެ. އަދި އެފުޅި ނަގައި އޭގައި ހުރި ލިޔުންތައް ބަލައި އޭގެން ހަންގަނޑަށްވާ ފައިދާތައް ކިޔާދިނެވެ. ކޮންމެއަކަސް އެއަށްފަހު އަނބިމަންޖެ އެ ލޯޝަނެއް ބޭނުމެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ފިރިމީހާ ބޭނުންކުރަމުން އައީ ހަމަ އެލޯޝަނެވެ.
ދެތިން ދުވަސް ފަހެވެ. އެއްކަލަ މީހާގެ ގައިގެ އަތް ފައި ހިރުވާވަރުން އަނބިކަނބުލޮއިގެ ގާތުގައި އެވާހަކަ ބުނެފިއެވެ. އަނބިކަނބުލޮއިގެ ވީކަހަލަ އެލާޖިކެއް ވީކަންނޭނގެއެވެ. ކަމަކުދާކަށް ނެތެވެ. މީހަގެ އަތުގެ އުޅޮނބޮށި ކާރި މިވަނީ މުޅިން ފާރުވެފައެވެ. ދޯނގިވެސް މިއަށްވުރެން ވަކި ހާލު ރަނގަޅެކޭ ދެންނެވޭކަށެއް ނެތެވެ.
އަނބިގޮއްޔެއަށްވީ ޝައްކުން ވަގުތުން ގޮސް ލޯޝަން ފުޅި ނަގައި އޭގައި ހުރި އެއްޗެއް ކިޔަން ފަށައިފިއެވެ. ދަންނަ ބަހަކުން ލިޔެފައި ހުރި އެއްޗެއްކަށް ވުރެން ގިނައީ ނުދަންނަ ބަސްބަހުން ހުރި އެއްޗެއްސެވެ. އޭނާ އޭގެން ހޯދަން ބޭނުންވި އެއްޗެއް ނުފެނުނެވެ. އަނބިމަންޖެ އެފުޅި ހިފާގެން ފާހަނާއާއި ދިމާއަށް ހިނގާގަނުމުން ފިރިކަލޭގެ ވާން މިއުޅެނީ ކިހިނެއްކަން ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ.
އަނބިމަންޖެ: ބަލާބަ!.. މަށަށް ކުރިންވެސް ހީވިއޭ.... މިއީ ލޯޝަނެއް ނޫނޭ... ސާބޯންޏެއް ކަންނޭނގެ...
ފިރިކަލޭގެ: އަސްލުތަ! ނޭނގޭނެއްނު.... ތިއަކު އެކަހަލަ އެއްޗެއް ލިޔަފައެއް ނެތޭ.... މަ ވަރަށް ބެލިން ފެނޭތޯވެސް... ތިހުރީވެސް އަނެއްކާ ލޯޝަން ހުންނަތާގަ....

ކޮންމެއަކަސް މި "ބޮޑީ މިލްކު" މިވީ އޭގަ އަސްލު އޮޅިފައިވާ އެއްޗަކަށްތާއެވެ.


ބުއްދިވެރި ނަސީބު

ނަޞީބާއި ބުއްދިއަކީ އެންމެ ކުޑައިރުއްސުރެން އެކުގައި އުޅެބޮޑުވި ދެރަޙުމަތްތެރިންނެވެ. ޔުނިވަރސިޓީ ނިންމީވެސް ދެމީހުން އެކުގައެވެ. އަހަރުގެ ފަހު ސިމެސްޓާ ކިޔެވުން ނިމުމާއެކު ދެއެކުވެރިން ގެއިން ނުކުތީ ކާރުބުރެއް ޖަހާލާ ށެވެ.
ބާރު ދުވެލީގައި ކާރުދުއްވަމުން މަޖާކުރަމުން ދިޔައެވެ. މިހެން ދުއްވަމުންގޮސް ކާރުގެ ޕެޓްރޯލް ހުސްވެ ކާރު ހުއްޓުނީ މީހުން ނޫޅޭ ވަރަށް ދުރު، ވަށައިގެން ޖަންގަލި އޮތް ހިސާބަކަށެވެ. އިރުއޮއްސެ އަނދިރިވުމުގެ ކުރިން މީހުން އުޅޭ ހިސާބަކަށް ދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ހިނގާފައި އެހާދުރަށްދާނެ ހިތްވަރެއް އެކަކުގައިވެސްނެތެވެ. އެންމެފަހުން ދެމީހުން ވާހަކަދައްކާފައި ނިންމީ އެހީތެރިވާނެ ބަޔަކާ ދިމާވަންދެން އެތަނުގައި ތިބުމަށެވެ.
އަނދިރިވީއިރުވެސް އެވެސް ބަޔައެއްގެ ހިލަމެއް ނުވިއެވެ. ރޭވެ މާބޮޑަށް ލަސްވާންފެށުމުން ނިދާނެގޮތަކާމެދު ވިސްނާފައި ބުއްދި ނިންމީ މަގުގެ އެއްފަރާތުގައިހުރި ގަހެއްގެ ދަށުގައި ނިދާށެވެ. ނަޞީބު ނިންމީ އެއޮށްބޮޑު ހައިވޭ މަތީގައި ނިދުމަށެވެ. ބުއްދި، ނަޞީބާ ދިމާލަށް ބުންޏެވެ. “މަގުގެ މެދުގައި ނިދަން ތިއުޅެނީ ނަޞީބު ތިހިރީ މޮޔަވެފައި ހެއްޔެވެ؟ މަގެއްގެ މެދުގައި ނިދުމަކީ އަމިއްލެއަށް މަރަށް ދަޢުވަތު ދިނުން ފަދަ ކަމެކެވެ.”
ނަޞީބު ޖަވާބު ދިނެވެ. “ނޫން އެންމެ ރަނގަޅުގޮތަކީ މަގުގެ މެދުގައި ނިދުމެވެ. އެއީ އެތާނގައި އޮއްވާ މީހަކަށް ފެނިއްޖެނަމަ ގޮވާފައި އެތާގައި ނިދަން އޮތް ސަބަބު އޮޅުންފިލުވާނެއެވެ. އަދި އެމީހަކު އަހަރެމެންނަށް އެހީވާނެއެވެ.”
މިހެން ބުނުމަށްފަހު ނަޞީބު ނިދަންއޮށޯތީ މަގުގެ މެދުގައެވެ. ބުއްދި އޮށޯތީ މަގުގެ އެއްފަރާތުގައި ހުރި ގަހުގެ ދަށުގައެވެ. ދެމީހުން ނިދިތާ އިރުގަނޑެއްގެ ފަހުން ބޮޑު ޓްރަކެއް ބާރު ދުވެލީގައި ދުއްވަމުން އައިސް އެދެމީހުން ތިބި ހިސާބާ އަރާހަމަވިއެވެ.

ކުއްލިއަކަށް ޑްރައިވަރަށް ފެނުނީ މަގުގެމެދުގައި މީހަކު ނިދަން އޮށްވައެވެ. ސިއްސައިގެންގޮސް މަގުގެ މެދުގައި ނިދާފައި އޮތް މީހާގައިން ޓްރަކް ނައްޓަންކުރި މަސައްކަތުން އަރިއަޅާލައިގެން ގޮސް ޖެހުނީ އެތާގައިހުރި ބޮޑުގަހުޖެ ބުޑުގައެވެ. ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ބުއްދި ޓްރަކްގެ ދަށުވެ މަރުވީއެވެ. މަގުގެ މެދުގައި ނިދާފައިއޮތް ނަސީބު ސަލާމަތްވެ މަރުވީ ދުރުގައިއޮތް ބުއްދިއެވެ.
ޙަޤީޤީ ދިރިއުޅުމުގައި ބައެއްފަހަރު ކަންކަން ދިމާވަނީ މިކަހަލަ ގޮތަކަށެވެ. މީހުންގެ ދިރިއުޅުން ނަޞީބުން ކިހާ އުސްމިނަކަށް އެބަދޭހެއްޔެވެ. ބައެއްފަހަރު މާރަނގަޅު ވިސްނުމަކާއި ބުއްދިއެއްނެތް މީހަކުވެސް ކޮށްލާކަމަކުން ވަރަށް ކުރިއަރައިގެން ހިނގައިދާނެއެވެ. އެއީ އެކަމެއް ކުރަން އެންމެ ރަނގަޅު ދަނޑިވަޅާއި ސާޢަތާ ދިމާވުމުންނެވެ.
- ކުރަން އުޅޭ ދަތުރެއް ބައެއްފަހަރު ބޭނުންވާ ދުވަހަށް ނުކުރެވި ލަސްވުން އެއީ ރަނގަޅަށްވާ ކަމަކަށް ވެދެއެވެ.
- ކުރަންއުޅޭ ކައިވެނި ލަސްވުމަކީ ބަރަކާތަކަށްވެސް ވެއެވެ.
- ވަޒީފާއިން ވަކިކޮށްލުންވެސް އެއީ ފުޅާ ވިޔަފާރިއެއްގެ ތެރެއަށް މީހާ ވަދެވުމަށް މެދުވެރިވާ ސަބަބަކަށް ވެސް ވެދެއެވެ.
- ދަރިން ނުލިބުންވެސް އެއީ އެކަމުގައި ކޮންމެވެސް މަޞްލަހަތެއް އެކުލެވިގެންވާ ކަމަކަށްވެއެވެ.
- ދަރިފުޅު ޅައުރުގައި މަރުވުން އެކަމުގައި ޙިކުމަތެއް އެކުލެވިގެންވާ ކަމަކަށްވެސް ވެގެންދެއެވެ.
މޫސާ ޢަލައިހިއްސަލާމް، ޙިޟުރު ޢަލައިހިއްސަލާމާއެކު ކުރެއްވި ދަތުރުފުޅުގައި ކުޑަކުއްޖަކާ ދިމާވިހިނދު އެކުއްޖާ ޤަތުލުކުރެއްވިއެވެ. އެކުއްޖާ ޤަތުލުކުރެވުނު ސަބަބާމެދު މޫސާގެފާނު ސުވާލުކުރެއްވުމުން ޙިޟުރުޢަލައިހިއްސަލާމް ދެއްވި ޖަވާބު ބަޔާންކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. “އަދި އެފިރިހެންކުއްޖާ އާއި މެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ ( ހެޔޮލަފާ ) މުއުމިނުން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ.” ( ކަހަފު ސޫރަތުގެ 80 ވަނަ އާޔަތް ) ޙިޟުރު ޢަލައިހިއްސަލާމް އެކުއްޖާ ޤަތުދު ކުރެއްވީ އެކުއްޖާގެ މައިންބަފައިންގެ މަޞްލަހަތައްޓަކައެވެ. އޭގެފަހުން މާތްﷲ އެދެމީހުންނަށް ޞާލިޙުވެގެންވާ އެހެން ދަރިއަކު ދެއްވިއެވެ.
ޙިޟުރުޢަލައިހިއްސަލާމް ކަންކުރެއްވީ މާﷲ ގެ އެންގެވުމާ އެއްގޮތަށެވެ. ބައެއްފަހަރު އަހަރެމެން ވަރަށް ހިތްއެދޭކަމެއް އަހަރެމެންނަށް ވަރަށް ބޮޑު ނުރައްކަލަކަށްވެސް ވެދެއެވެ. އަދި ހިތްނޭދޭ ކަންތައްވެފައި އޮންނަނީ ދެދުނިޔޭގެ ބާއްޖަވެރިކަމަކަށެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
މާތްﷲ ވަހީކުރެއްވިއެވެ. “އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށްވެދާނެއެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައި މީހުންނަކަށް ނޭނގެއެވެ.” (ބަޤަރާސޫރަތުގެ: 216 ވަނަ އާޔަތް )
އަހަރެމެން ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. “ނަސީބަކީ ކަތީބަކުދޭ އެއްޗެއްނޫނެވެ.” ނަސީބު ލައްވާލަނީ އެކަމަކަށްޓަކައި މަސައްކަތްވެސް ކުރުމުންނެވެ. އެނޫންގޮތަކަށް ނަސީބު ލައްވާލަނީ ވަރަށް މަދުފަހަރަކުއެވެ.

ދިވެހި ބަސް

ދިވެހިބަހަކީ ނުވަތަ މަލިކުބަހަކީ މަލިކުންގެ ބަހެވެ. އަދި މަލިކުގެ ދެކުނުން އޮތް ދިވެހިރާއްޖޭގައި (މަހަލްދީބުގައި) މޮށި އުޅޭ ބަހެވެ. ބޭރު މީހުން ދިވެހިބަހަށް "މަހަލް" ބަހޭ ކިޔަނީ މި ބަހުން މޮށިއުޅޭ ގިނަ މީހުން އުޅެނީ މަހަލްދީބުގައި ކަމަށް ވާތީއެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގައެވެ.


ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް " ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުޅުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ- އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި، އިންޑޯ އާރިއަން ބަހަށެވެ. މި ޢާއިލާގެ މައި ބަހަކީ (ސެންސިކިރިތ) ބަހަށެވެ. މިދެންނެވި ސެންސިކިރިތގެ ހުޅަނގާއި، ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ، ދިވެހި، ސިންގަޅަ، މި ބަސްބަހެވެ.


ވީމާ، މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި، ގަވައިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި، އަޅުގަނޑުމެންގެ އިންޑިކު ނުވަތަ ސެންސިކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރޭސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.


ދިވެހިބަހަށް ބަލާއިރު، ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަޅުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެއެވެ. މިހެން ދިމާވާންވީ އެތައް ސަބަބުތަކެއްވެއެވެ. އެންމެ ފުރަތަމަ ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ، ހިންދު ކަނޑުގައި މަލިކާއި މަހަލްދީބު އޮންނަ މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ މެދުތެރޭގައެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް މި ސަރަޙައްދު ގެންނަން މަސައްކަތްކަތްކުރި މީހުން މި ތަން އަތުލަން ބޭނުންވެފައިވަނީ ޖޫރާފީ ގޮތުން މިރަށްތައް އޮތް މުހިއްމު މަޤާމަށްޓަކައެވެ. އިހުޒަމާނުގެ ކަނޑު ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ، މޫސުން ނުބައިވެގެން، ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ ހިސާބެއްގައިވަނީ މި ރަށްތަކެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގައެވެ. ވީމާ، ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް މި ރަށްތަކަށް އައިސް، ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން މި ރަށްތަކަށް އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން ލިބުނެވެ.