ބަޔާނުލް ފީ ހަޔާތުލް ނަޝީދު


އޮނަވިހި ސަތޭކަ ފަންސަޔާހި ވަނަ އަހަރުގެ އޮކުޓޫބަރު މަހުގެ އޮނަވިހި ވަނަ ދުވަހު، ދުނިޔެއަށް މަރުހަބާކީ ހއ.އިހަވަންދޫ ބަނބުކެޔޮގަސްދަށުގޭ މުޙައްމަދު ނަޝީދަކީ  ހއ.އިހަވަންދޫ ބަނބުކެޔޮގަސްދަށުގޭ އަބްދުލް ކަރީމާއި، ހަމަ އެރަށު ގިރިޓީގޭ ޝަރީފާ އަލީގެ ދެވަނަ ދަރިފުޅެވެ. އާއިލާގެ ފުރަތަމަ ފިރިހެން މެންބަރުވެސް މެއެވެ. މުހައްމަދު ނަޝީދަށް އާއިލާގެ މެންބަރުންނާއި ރައްޓެހިން އާންމުކޮށް ކިޔައި އުޅެނީ މުހައްމަދެވެ. ކުލަތަކުގެ ތެރެއިން ރަތް ކުލަ އެންމެ ރީތި މުހައްމަދަށް އެންމެ މީރު ކެއުމެއްކަމަށެ ވެފައި ވަނީ ދިވެހިންގެ އާންމު ކެއުން އާދެ، ގަރުދިޔައާއި ބަތެވެ.
ތައުލީމީ ހަޔާތުގެ ބިންގާ އެޅިފައިވަނީ 1992 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ގުރޭޑު އެކަކާ ގުޅުނު ހިސާބުންނެވެ. އެއީ އުމުރުން އެންމެ ހަތް އަހަރުގައެވެ. އެދުވަސްވަރު ކިޔެވުމަށް އެހާ ޝައުގުވެރިކަން ނެތް ނަމަވެސް 1997 ވަނަ އަހަރާއި ހަމައަށް އިހަވަންދޫ މަދަރުސާއިން ގުރޭޑު 6 ހަމައަށް ވަނީ ތައުލީމު ހާސިލުކޮށްފައެވެ.
ކިޔެވުމަށްޓަކައި ނަމަވެސް އަމިއްލަ ވަޒަނާއި ލޯބިވާ އާއިލާ ދޫކޮށް އެހެން ރަށަކަށް ބަދަލުވުމީ ވެވޭ ކުޑަ ގުރުބާނީއެއް ނޫނެވެ. ކިޔެވުމަށް ކުރިން އެހާބޮޑު ޝައުގުވެރިކަމެއް ނެތް ކަމުގައި ވީނަމަވެސް މުހައްމަދު ނަޝީދުވަނީ މި ބޮޑު ގުރުބާނީ ވެފައެވެ. އެގޮތުން 1998 ވަނަ އަހަރު ހދ.ކުޅުދޫފުއްޓަށް ދަތުރު ކޮށް ހދ އެޓޯލް އެޑިޔުކޭޝަން ސެންޓާރ ގައި ވަނީ ތައުލީމް ހާސިލް ކޮށްފައެވެ. އެ ސުކޫލުގައި 1999 ވަނަ އަހަރާއި ހަމައަށް ވޭތު ކުރުމަށް ފަހު ދެން ގުޅުނީ އެރަށު ޖަލާލުއްދީން ސުކޫލާއެވެ. މި ސުކޫލުގައި 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް އުޅުނެވެ.
ނަޝީދު ގެ ތަޢުލީމީ ހަޔާތުގައި ދެން އާބާބެއް ފެށުނީ 2004 ވަނަ އަހަރު މަތީ ތަޢުލީމު ހޯދުމަށްޓަކައި މާލެއަށްދުރުވެ، މަންދު ކޮލެޖާއި ގުޅުމުންވެ. އެގޮތުން މަންދު ކޮލެޖުގައި ހަދަމުން ދިޔަ ކޯސް 2006 ވަނަ އަހަރުވަނީ ފުރިހަމަ ކާމިޔާބީއަކާ އެކު ދަސްވެނިވެ ނިންމާފައެވެ. ދެންވެސް އޭނާ ވަނީ ތަޢުލީމު އުނގެނުމާގެން ކުރިޔަށް ގޮސްފައެވެ. ވަޒީފާގެ މާހައުލާ ގުޅުނު ފަހުންވެސް އަމިއްލައަށް، އިންޓަރނެޓާއި ފޮތްތަކާއި އަދި ލިބުނު ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ޢިލްމު ހޯދުމުގެ މަސައްކަތް ކުރިއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ހދ. ކުޅުދޫފުށީގައި، [ބުލޮކު މޯޑު]ގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރެއިން، [ބެޗެލާރސް އޮފް އެޑިޔުކޭޝަން]ގައި، މިއަހަރު ނަޝީދު ސަރ ބައިވެރިވެފައިވާކަމީ މިހާރު އޭނާގެ ހިތުގައި ތަޢުލީމަށް ދެވިފައިވާ ލޯތްބާއި، އަހައްމިއްޔަތު ހާމަވެގެންދާ އަލިގަދަ ދަލީލެކެވެ.
ތަޢުލީމީ ހަޔާތް މިއަދު މިހާ ހިސާބަށް އައިސްފައިވީނަމަވެސް އަދިވެސް ނަޝީދު ކިޔަވަން ބޭނުންވާ ވަރަކަށް ނުކިޔެވެއެވެ. އަދި ކިޔަވަން ބޭނުންވި ދާއިރާއިން ކުރިޔަށް ނުދެވުނި ކަމީ އޭނާ މިއަދުވެސް ހިތާމައާއެކު ފާހަގަ ކުރާ ކަމެކެވެ. ނަޝީދު ކިޔަވަން ބޭނުންވީ ސައިންސް ސްޓްރީމް ނަމަވެސް، އެދުވަސްވަރުގައި ކަންތައް ހުރި ގޮތުން އެ ފުރުޞަތުވަނީ ގެއްލިފައެވެ. މިއީ ކުރިމަތިވާ ކުޑަ ގޮންޖެހުމެއްތޯއެވެ.
ސުކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ނަޝީދު އަށް ލިބޭ ވަރަށް ބޯޑު އުފަލެކެވެ. އެ ގޮތުން ފުޓުބޯޅަ އަދި ވޮލީ މުބާރާތްތަކުގައި ވަނީ ވަރަށް ގިނައިން ބާވެރިވެފައެވެ. ނަޝީދު ވަނީ ސުކޫލު ދައުރުގައި ޕުރިފެކްޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ އިތުރުން އޭއީސީ ގެ ދިވެހި ޖަމިއްޔާގެ ސެކްރެޓެރީކަންވެސް ކުރަށްވާފައެވެ. އަދި ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގައި ގުރޭޑު 8 އަދި 9 ގައި އުޅުނު ދުވަސްވަރު ކެޑޭޓު ހަރަކާތުގައިވެސް ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ސުކޫލުގައި ފާހަގަ ކުރާ "ސައިންސް ޑޭ" ފަދަ ދުވަސް ދުވަހު ވަރަށް އަވަދިނެތި ހަރަކާތްތެރިވެއެވެ.
މަދަރުސީ ދައުރުގައި ލިބޭ ކާމިޔާބީތަކަކީ ހިތުގައި ބިންވަޅުނެގިފައި ހުންނާނެ ފަޚްރުވެރި ހަނދާންތަކެކެވެ. ސުކޫލު ދައުރުގައި މަޑުމައިތެރި މިޒާޖެއްގެ ނަޝީދު ވެސް މިފަދަ ކާމިޔާބީ ތަކެއް ހޯދާފައިވެއެވެ. އެގޮތުން ކުލާހުގެ އެންމެ އަޚުލާގު ރަނގަޅު ދަރިވަރަކަށްދޭ "ޑިސިޕްލިން ޕުރައިޒް" ގުރޭޑު 8 އަދި 9 ގައިވެސް ވަނީ ހާޞިލުކޮށްފައެވެ. އަދި މަންދު ކޮލެޖުގައި އުޅުނި އިރު ބޭއްވި ފުޓުބޯޅަ މުބާރާތުން ދެ އަހަރުގައިވެސް އެންމެ މޮޅު ފޯވާޑަކަށް ހޮވުމަކީވެސް ލިބުނު ކުޑަ ކާމިޔާބީއެއް ނޫނެވެ. މިއަދުވެސް  ހިތުގައި ވާ ފޮނި ހަނދާންތަކެކެވެ.
ދެހާސް ހަވަނަ އަހަރު ޓުރެވަލް އެއާރޕޯޓުގެ ރިޕުރެޒެންޓޭޓަރެއްގެ ވަޒީފާ ނަޝީދު އަދާކުރެއްވީ މަންދު ކޮލެޖުގައި އުގެނުމުގެ މަސައްކަތުގައި ބުރަކޮށް އުޅުއްވަމުންނެވެ. އެއީ އޭނާގެ ހަޔާތުގައި އަދާކުރެއްވި ފުރަތަމަ ވަޒީފާއެވެ. އެއަށްފަހު 2007 ވަނަ އަހަރު އިހަވަންދޫ މަދަރުސާގެ ޓީޗަރެއްގެ މަގާމަށް އޭނާ ބަދަލުވީ އައިލާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކުގައެވެ.
އުނގުނައިދުނުމުގެ ދާއިރާގައި ނަޝީދު ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ޙާޞިލްކޮށްފައެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދަރިވަރުންގެ ލޯތްބާއި އިޚްތިރާމް ހޯދާފެއެވެ. މިކަމުގެ ސިއްރަކީ ނަޝީދު ދަރިވަރުންނާއިމެދު ގުންގުޅުއްވާ އޯގާވެރިކަމާއި އެކުވެރިކަން ކަމުގައިނޫނީ ނުވާނެއެވެ. 2012 ވަނަ އަހަރު ލީޑިންގ ޓީޗަރެއްގެ މަގާމަށް ބަދަލުވެގެން ދިޔުމީ މިދާއިރާގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާގެ ހިތުގައި ވަޒީފާއަށް އޮންނަ ލޯތްބާއި ދެއްވާ އަހައްމިއްޔަތުގެ އަގުހުރި ނަތީޖާއެވެ.
ތަޢުލީމީ ދާއިރާގައި ނަޝީދުގެ އުންމީދުތައް ވަނީ ވަރަށް އުހުގައެވެ. ތަޢުލީމު އުނގަނައި ދިނުމުގައި އެހެންގައުމުތަކުން ރާއްޖެ ނަމޫނާއަކަށް ބަލާނޭ ދުވަހަކީ އޭނާ އެންމެ ދެކެން ބޭނުންވާ އެއްދުވަހެވެ. ކުރެވޭ އެންމެ ބޮޑު އުންމީދުވެސް މެއެވެ. އަދިހަމަ އެހެންމެ މިދާއިރާއާ ދޭތެރޭ ހިތްހަމަ ނުޖެހުންތަކެއްވެސް އެބަހުއްޓެވެ. މުދައްރިސުންގެ އަގުވަޒަން ކުރަންޖެހޭ ބައެއް ފަރާތްތަކުން އެކަށީގެންވާ ވަރަށް އެމީހިންގެ އަގު ވަޒަންނުކުރާކަމީ އޭނާ ހިތާމަ ކުރައްވާ ކަމެކެވެ.
2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވީ ދުވަހަކީ ނަޝީދުގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެކެވެ. ދިރުއުޅުމުގެ މަގުސަދު ހާޞިލުކޮށް، ހަޔާތުގެ ނައު އާމިސްރާބަކަށް ދަތުރު ފެށުމަށް ޒަވާޖީ ހަޔާތުގެ ބިންގާއެޅުނު ދުވަހެވެ. ކައިވެނީގެ އަގުމާތް ގޮށުން، ހއ. އިހަވަންދޫ ދިލްޝާދު ރުޤިއްޔަތު މާހިދާއާއި ގޮށްޖަހައި ބާރުކޮށްލެވުނު ތާރީޚީ ދުވަހެވެ.
ނަޝީދުއަށް އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް އިޚްތިޔާރުކުރެވުނީ އޭނާއާއި ވަރަށް އެއްގޮތް ހިޔާލުތަކެއްގެ ކުއްޖެއް ކަމަށް ނަޝީދު ފާހަގަކުރެއެވެ. އަޅާލާ އޯގާތެރި އަނތްބެއް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. ހަމަ އެގޮތުން ނަޝީދުގެ އަންހެނުން އޭނާ ސިފަކުރަނީ އޯގާތެރި އަޅާލާ ވަފާތެރި ފިރިއެއްގެ ގޮތުގައެވެ. އެހެންކަމުން ނަޝީދުގެ ޒަވާޖީ ހަޔާތް ސިފަކުރެވެނީ އުފާވެރި ހަޔާތެއްގެ ގޮތުގައެވެ.

ނަޝީދު އޭނަގެ ހަހުރަވެތި ދަރިވަރުންނަށް ކޮށްލަން ބޭނުންވާ އިލްތިމާސް އަކީ، ކިޔެވުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، މުސްތަގުބަލުގައި ވަޠަނަށް މަންފާ ހުރި ދަރިއަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް ދެއްވޭނެ އެންމެ އަގުހުރި ނަޞޭހަތް ނޫންތޯއެވެ. ނަޝީދު އުނގެނުމަށް  ކުރައްވާ މަސައްކަތްތަކުގައި މާތް ﷲ ކާމިޔާބު ދެއްވާ، އޭނާއަކީ ކާމިޔާބު އެދުރެއްކަމުގައި މިންވަރުކުރަށްވައި އުފާވެރި ހަޔާތެއް މިންވަރުކުރައްވާށިއެވެ! އާމީން!


0 comments:

ޚިޔާލު ފޮނުވާ!